އދ. ގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ މިއަހަރުގެ ބައްދަލުވުމުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.
އަބްދުﷲ ޝާހިދު ވަނީ އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރައްވާފަ އެވެ.
ޔޫއެން ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީގެ މި އަހަރުގެ ބައްދަލުވުން އޮތީ ސްލޮވާކިއާގެ ބްރަޓިސްލާވާ ގައެވެ. މި އަހަރުގެ ބައްދަލުވުމަކީ މިކައުންސިލްގެ އެންމެ ގިނަ މެމްބަރުން ބައިވެރިވި ޖަލްސާކަން ސްލޮވާކިއާގެ ފޮރިން މިނިސްޓަރު ޖުރާޖް ބްލަނާ ފާހަގަކުރެއްވި އެވެ.
އދ. ގެ އާއްމު މަޖިލީހުގެ މިދައުރުގެ ރައީސް ކެމަރޫންގެ ފިލެމޯން ޔެންގްގެ އިތުރުން ކުރިން ރައީސްކަން ކުރެއްވި 16 ބޭފުޅުން މިއަހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.
އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމަށްފަހު ނެރުނު ގަރާރުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި ގަތުލުއާއްމު ކުށްވެރިކޮށްފައިވެ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އެކުލަވާލެވޭނެ "ޓޫ ސްޓޭޓް ސޮލިއުޝަން" އަކަށް ދެވޭނެ ސުލްހައިގެ މަގެއް ހޯދުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ލަފާ އަރުވާފައިވެ އެވެ.
ކައުންސިލުން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ އަދި ވިސްނުމަކީ ސްލޮވާކިއާގެވެސް ވިސްނުންކަމަށް ސްލޮވާކިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ހަމަވުމުން ދެން އެމަގާމަށް ބޭފުޅަކު އައްޔަންކުރުމުގައި ސަލާމަތީ މަޖިލީހުން އާއްމު މަޖިލީހަށް އެއް ނަމަށްވުރެ ގިނަ ނަން ހުށަހެޅުމަކީވެސް އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ލަފައެކެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ޕްރޮސެސް މިހާރަށްވުރެ ހަރުދަނާކުރުމަކީ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު ހުންނެވިއިރުވެސް ވަކާލާތުކުރެއްވި ކަމެކެވެ. އަދި އދ. ގެ އާއްމު މަޖިލީހުގެ ދެން އަންނަ ދައުރެއްގެ ރިޔާސަތަށް އަންހެން ބޭފުޅަކު ގެންނަވަންވެސް ބާރުއެޅުއްވި އެވެ.
ސްލޮވާކިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޝާހިދު ވަނީ އެގައުމުގެ ބޮޑުވަޒީރު ރޮބަޓް ފީކޯ އާއި ބްރަޓިސްލާވާގައި އިއްޔެ ބައްދަލުކުރައްވާފަ އެވެ.