ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފު ދަނޑުގެ ކައިރީގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލައިގައި ބަންދުކުރެވިފައިވާ ދެ މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ އިއްޔެ ޕީޖީ އޮފީހުން ބަލައިގަނެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނީ ގދ. ފިޔޯރީ ހީނާމާގޭ 25 އަހަރުގެ ރުސްތުމް އިބްރާހީމް އާއި ބ. ގޮއިދޫ ފިނިފެންމާގޭ 19 އަހަރުގެ ސައިފުﷲ ފައިސަލްއެވެ. މި ދެ މީހުންވެސް މިހާރު ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ނިންމާފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 11:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފު ދަނޑުގެ ހުޅަނގު ފަރާތުގައި މަޑުކޮށްގެން ހުރި މީހަކަށެވެ. ހަމަލާދިން ދެ މީހުން ވަނީ ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ސައިކަލެއްގައި އައިސް ކޯރާޑިއަކުން އެ މީހާއަށް ހަމަލާދީފައެވެ.
ފުލުހުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި، ރުސްތުމް އާއި ސައިފުﷲ ހައްޔަރުކޮށްފައިވަނީ ހަމަލާދިނުމަށްފަހު ހުޅުމާލެއިން ފިލައިގެން މާލެއަށް ދަނިކޮށް ހަމަ އެރޭގައެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.