"ހޮޅުދޫ ބޯޓު" ގައި މި މަހުގެ 2 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުނު ޒުވާނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ކައުންސިލްގެ ކުރީގެ ނިންމުން ބަދަލުކޮށް މުޝްފިޤުގެ މައްޗަށް މިއަދު ކަށު ނަމާދު ނުކުރާ ކަމަށެވެ. އެއީ އެފަދަ ހާލަތުގައި އަމަލުކުރަން ދީނުގައި އޮންނަ ގޮތް ވަޒީރު ޝަހީމް ރޭ ތަފްސީލު ކޮށްދެއްވުމުންނެވެ.
ވަޒީރު ވިދާޅުވީ މުޝްފިޤުގެ ޢާއިލާއާ މިއަދު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
"އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން،"ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.