ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކަށް ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެ ބިދޭސީ މީހާގެ މައްޗަށް ދައުވާ އުފުލީ ހުޅުމާލެ ކޯޓުގަ އެވެ.
އެ ބިދޭސީ މީހާއަކީ އެޑްމިޓުކޮށް ފަރުވާ ދެމުން ދިޔަ މީހާގެ ބަލަދުވެރިޔާގެ ގޮތުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން ކަނޑައެޅި މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑްމިޓުކޮށްފައި އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.
މިމައްސަލައިގައި ދައުވާ އުފުލީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަރިފް ހާން ނަމަކަށް ކިޔާ މީހަކަށެވެ.
ޕީޖީ އޮފީހުން ބުނީ ޝަރިފްގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. ހުޅުމާލެ ކޯޓުގައި މިހާރު ޝަރީއަތް ފަށާފައިވާއިރު ޝަރިފު ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި މީހަކު އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޝަރިފު އުމުރުން ދުވަސްވީ މީހާގެ މޫނުމަތީގައި ދެފަހަރަކު ޖަހަ އެވެ. ޖަހާލެއް ބާރު ކަމުން އެ މީހާ ރޯންވެސް ފަށަ އެވެ. އަދި ރޯން ފެށުމުން ރުއިން ހުއްޓައިލުމަށާއި ޑޮކްޓަރު އަންނަ ކަމަށް އޭނާ ބުނެ އެވެ.
މަންޒަރު ސޯޝަލް މީޑިއާގައި އާންމުކުރި މީހާ ބުނި ގޮތުގައި ޝަރިފު އެމީހާއަށް އަނިޔާކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެކަން ތަކުރާރުވާން ފެށުމުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އުޅުނު ބައެއް އޮފިޝަލުންނަށް އެކަން އެންގި ކަމަށާއި ވީޑިއޯ އާންމު ކުރި އެކަމަށް ފިޔަވަޅެއް ނޭޅުމުން ކަމަށްވެސް ބުންޏެވެ.