ބަންޑާރަނައިބުގެ އޮފީހުން ކޮންމެ ހަފުތާއަކުވެސް ކުރާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރަން ނިންމައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން "ސަރުކާރު" ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގޮތުގައި އެ އޮފީހުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށާއި، ޢަދުލު އިންސާފާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި މި އޮފީހުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހުން ކޮންމެ ހަފްތާއަކު ކުރާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރުމަށް ވަނީ ނިންމާފައެވެ.
މިގޮތުން އެ އޮފީހުން ވަނީ އެޕްރީލް 6 އިން އެޕްރީލް 10 ގެ ނިޔަލަށް އެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ޝާއިޢުކޮށްފައެވެ.
ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގައި 25 މައްސަލައެއްގައި ޤާނޫނީ ލަފައަކަށް އެދި ހުށަހަޅާފައިވާއިރު، ކޯޓުތަކުގެ 15 އަޑުއެހުމެއްގައިވެސް އެ އޮފީހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި ފަސް މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ފަސް ފަރާތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ މީގެ ފަހުން އެ އޮފީހުން ކޮންމެ ހަފުތާއެއްގައިވެސް ނިމިދިޔަ ހަފުތާގެ އަދާހަމަ ހާމަކުރަމުން ދާނެ ކަމަށާއި، މި މަޢުލޫމާތު އެ އޮފީހުގެ މީސްމީޑިއާގެ އެކައުންޓްތަކުން ފެންނަން ހުންނާނެ ކަމަށެވެ.