ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 90 އެމްބިއުލާންސް ގަންނަން ނިންމައި އިތުރު 10 އެމްބިއުލާންސް ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަސީމް ވިދާޅުވީ މި އެމްބިއުލާންސްގެ އިތުރުން ސީ އެމްބިއުލާންސް ހިދުމަތް ދިނުމަށް އިތުރު 15 އެމްބިއުލާންސް ސަރުކާރުން ގަންނަން ހަމަޖެހިފައިވާއިރު އިތުރު 9 ސީ އެމްބިއުލާންސް ޖަޕާނު ސަރުކާރުން ދޭން ނިންމާފައިވާ ކަމަށެވެ.
ނަސީމް ވިދާޅުވީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އީއެމްއެސްގެ ނަމުގައި ވަކިން އިންސްޓިޓިއުޓެއް އުފައްދައި އެކަން މާލެ ސަރަހައްދުގައި މިހާރު ފަށާފައިވާއިރު އަތޮޅު ތެރެއަށްވެސް އެ ހިދުމަތް ފުޅާ ކުރެވިގެން ދާނެކަމެވެ. މީގެ އިތުރުން ރާއްޖޭގައި ދެވޭ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވިދާޅުވި އެވެ.
އެގޮތުން ސިއްހީ ހިދުމަތް މޮނީޓާ ކުރުމަށް މޯލްޑިވްސް ހެލްތު ސާވިސްގެ ނަމުގައި ވަކި އިންސްޓިޓިއުޓެއް އުފައްދަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިއްހީ ހިދުމަތް މޮނިޓާކޮށް ރެގިއުލޭޓު ކުރުމަށް ހެލްތު މިނިސްޓްރީން ސީދާ މަސައްކަތް ކުރާނަމަ އެކަން ކުރުން އޮންނަނީ އުނދަގޫ ކަމަކަށް ވެފައި ކަމަށެވެ.
މިއާއެކު ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ 170 އެތައް ތަނެއް މި އިންސްޓިޓިއުޝަންގެ ދަށަށް ބަދަލުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިފަދަ އިންސްޓިޓިއުޓެއް އުފެއްދުމުގެ މަގްސަދަކީ ސިއްހީ ހިދުމަތް ރައްޔިތުންނާއި ވީހާވެސް ގާތުން ދިނުން ކަމަށެވެ.
އެމްބިއުލާންސްގެ ހިދުމަތް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ފެށީ އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކު ކޮވިޑު ބަލި ޖެހި ހާލު ދެރަވެގެން ނިޔާވުމާއި ގުޅިގެންނެވެ. އެ ހާދިސާގައި އެމްބިއުލާންސް ފޮނުވަން އިދުނުތާ ދެ ގަޑިއިރު ވެގެން ދިޔައިރުވެސް އެމްބިއުލާންސް ނާދެ އެވެ. ހެލްތު މިނިސްޓްރީން ފަހުން ނެރުނު ރިޕޯޓުގައި ވަނީ އެޗްއީއޯސީގެ ތެރެއިން ބޮޑެތި އިހުމާލުތަކެއް ފާހަގަކޮށް އެ އިހުމާލު ނުވިނަމަ ކުއްޖާ ނިޔާވި ހާދިސާ ހިނގުން ނާދިރު ކަމަށެވެ.
ރާއްޖެއަށް އިތުރަށް ގެންނަ 100 އެމްބިއުލާންސްގެ ތެރެއިން މާލެ ސަރަހައްދަށް ހާއްސަ ކުރާނީ ކިތައް އެމްބިއުލާންސް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.