ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ގިނަ ދުވަސްތަކަކަށް ފަހު ބިލުގެ މަސައްކަތަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބިލު ފާސްކުރުމުގެ ކުރިން ގިނަ އިސްލާހުތަކެއް ބިލަށް ވަނީ ގެނެސްފަ އެވެ. ގާތްގަނޑަކަށް 4 މިނެޓަށް ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި މެމްބަރުން ވަނީ އެ ބިލަށް އިސްލާހު ގެނައުމަށް ނިންމަވާފަ އެވެ.
ކޮމިޓީން ގެނައި އެންމެ ބޮޑު އިސްލާހަކީ، އިޒްރޭލު ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެނުވެވޭ ގޮތަށް ބިލުގައި އޮތް ބައި އުނިކުރުމެވެ. އެގޮތަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
އެބައި އުނިކުރެއްވުމަށް ހުށަހެޅުއްވުމުގެ އިތުރަށް ޝާހިދުވަނީ 2023، އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަމަލުތައް ހުއްޓައިލަންދެން އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާވެފައި އޮންނާނެ ގޮތަށް ގާނޫނު ފަރުމާކުރުމަށް ހުށަހަޅުއްވާފައެވެ. އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. އެއީ އެގޮތަށް ނޫނީ އެކަން ތަންފީޒު ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ކޮމިޓީއަށް އެންގުމުންނެވެ.
ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލު ފާސްކުރުމާމެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންވެސް ވަނީ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. މިގޮތުން މި ބިލު ފާސްވެފައިވަނީ 83 މެންބަރުންގެ އިއްތިފާގުންނެވެ.