ނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު ބ. ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށް ވަނުމާއި، އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންދިޔުމާ ގުޅިގެން ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 18 ޑިސެންބަރު 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ޚިލާފަށްވަދެ، އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
މިގޮތުން މި މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ޙިދުމަތުގެ ފަރާތުން ޙިއްސާކޮށްފައިވާ ހާދިސާ ރިޕޯޓަށް ބަލައި ގިނަ ކަންކަން ކަށަވަރުކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
"ބ. ނެލިވަރު ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަމާއި، އަދި އެ ސަރަޙައްދަށް ވަދެ އުޅުމުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިޔަށް ގެންގޮސްފިނަމަ ޤާނޫނު ނަންބަރު 4/93 ގެ ދަށުން ފިޔަވަޅު އެޅިގެން ދާނެކަން ބަޔާންކޮށް، ނަންބަރު: ((IUL)438-ENV/438/2023/486) އިޢުލާން ގެ ކޮޕީއެއް އެއްކަރުދާސް ކުރެވި ސޮނެވާފުއްޓަށް 11 ޖޫން 2024 ގައި ސިޓީ އެއް މި އެޖެންސީން ފޮނުވާފައިވޭ. 18 ޑިސެމްބަރ 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 ބޭފުޅުން ބ. ނެލިވަރު ސަރަޙައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވޭ. ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ވަދެފައިވަނީ ގަވާއިދާ ޚިލާފަށް މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަން ފާހަގަކުރެވިފައިވޭ"، އީޕީއޭގެ ބަޔާނުގައި ވެއެވެ.
މި މައްސަލައިގައި އަލިވާގޮތަށް ރޭގަނޑު ބ. ނެލިވަރު ސަރަޙައްދު ދިއްލުމާއި، އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން ޢަމަލުކޮށްފައިވުމާއި އަދި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އަދި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން 18 ޑިސެމްބަރ 2024 ވަނަ ދުވަހު ބ. ނެލިވަރަށް ހާޒިރުވެ، ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، އެ ސަރަޙައްދު ދޫކޮށްދިޔުމަށް އެންގި އެންގުމާއި ޚިލާފުވެ، އަދި އެފަރާތްތަކަށް އެއްބާރުލުން ދީފައި ނުވާ ކަމަށާއި، ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދު ދޫކޮށް ގޮސްފައިވަނީ އެ ސަރަޙައްދުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތައްކޮށް ނިންމުމަށްފަހުކަމާއި، އެ ސަރަޙައްދު ސާފުކޮށް ނިމިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ކަންކަމަށް އެ މީހުން އިޢުތިރާފްވެފައިވާ ކަމަށްވެސް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން އީޕީއޭ އިން ވަނީ އެ ފަރާތްތައް 448,375ރ. ޖޫރިމަނާކޮށް، 23 އޭޕްރީލް 2025 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާއަށްވާ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް އެ އެޖެންސީއަށް ދައްކައި ޚަލާސްކުރުމަށް އަންގައިފައެވެ.