އިންސާފު ގާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރީން ދެއްވި ބަސްދީގަތުމެއްގައި މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ޒުވާނުންގެ ހަޤީޤީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި އެކަންކަން އަޑުއައްސަވައި، ޙައްލު ހޯއްދަވައިދެއްވައި، ރޫލް އޮފް ލޯ ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނޭ ކަމަށެވެ. އަދި، ހުރިހާ ހާލަތެއްގައިވެސް ޢަދުލު އިންސާފު ޤާޢިމްކުރައްވާނޭކަމަށާއި، ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ މި ސަރުކާރުން ކުރާނޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މިހާރު ޤައުމުގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބުލިބެންޖެހޭ ސުވާލުތަކެއްކަމަށް ޤަބޫލުކުރައްވާކަމަށާއި، އެސުވާލުތަކަށް ޖަވާބު ހޯދުމަށް މިހާރު އެކުލަވާލައްވާފައިވާ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގުން އެސުވާލުތަކަށް ޖަވާބުލިބި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅުއްވާނޭކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވާ އެމަނިކުފާނު ވެވަޑައިގަތް ޢަދުލު އިންސާފުގެ ވަޢުދު ތަކުރާރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަމަށާއި، ޢަދުލު އިންސާފު ޤާއިމްޤާއިމްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށްކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސް ޒިންމާއަކީ، ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުންކަމަށާއި، އެކަމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރާ ކޮމިޝަނެއް އުފައްދާ ގިނަ ބާރުތަކެއް ދީފައިވާއިރު ބަލަންޖެހޭ ކަމެއް ބެލުމަށް އެ ކޮމިޝަނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު މިވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައި. ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ވަރަށް އަވަހަށް ކަމުގެ ހަގީގަތް ހޯދޭނެ،" ރައީސް ވިދާޅުވި އެވެ.
މި ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ، އާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން އަދި ޑރ. މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ އެވެ.