ރައީސް މެލޭޝިއާއަށް ކުރެއްވި ދަތުރުގައި ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ގެ ޚިދުމަތް ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ދަތުރުފުޅާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދަތުރުގައި ދިވެހިންނާއި ބައްދަލުކުރައްވާ އެ ޤައުމުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވިގެންދާނެކަމަށެވެ.
"ދިވެހިންނާއި ވެސް ބައްދަލުކުރާނަން. ދިވެހިންނަށް ދަތިވާކަންތައްތައް ހައްލުކުރުމަށް މެލޭޝިޔާ ސަރުކާރާއި މަޝްވަރާތައް ކުރެވިގެން ވެސް ދާނެ. މި ދަތުރުގައި ދިވެހި އައިޑީ ކާޑު އައި ޕާސްޕޯޓް ވެސް ފަށަށް މި އުޅެނީ. ދިވެހިންނަށް ފަސޭހަކޮށްދިނުމަށް ކުރެވެން ހުރި ކަންކަން ކުރިއަށް ގެންދާނަން" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މެލޭޝިޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ކާމިޔާބު ދަތުރަަކަށް އެ ވެގެންދާނެ ކަމަށް ގަބޫލްކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.