ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ބަލަމުންދާ ސުލޫކީ މައްސަލައިގައި މިރޭ ވަކިގޮތެއް ނިންމުމަށް ތާވަލުކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށައިފަ އެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.
މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނެ އެ މައްސަލަ ވެސް ވަކިން ދަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ނިންމި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ހިމެނެނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔަޒްމީދު މުޙައްމަދު، އަދި ވަކީލުންގެ ތެރެއިން ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ވަކީލު ޢަލީ ޢަބްދުއްލަޠީފެވެ.
މި މައްސަލައިގެ އިތުރުން، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ޙުސައިން މުޙައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ހުތުރުބަހުން އޭނާއަށް މުޢާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި، އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު، ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވާފައެވެ.