އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން، ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.
މިނިސްޓަރ އާދަމް ނަސީރުވެ ބައިވެރިވަޑައިގެންނެވި މިނިސްޓްރީގެ ޓީމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސް މަސްއޫލުވެރީން ވަނީ ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެކި އެކި ހާދިސާތަކުގައި ނަފުސާނީ ގޮތުން ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ދެ މުއައްސަސާއިން ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. މި ގޮތުން ދިވެހި މުޖުތަމަޢަކީ ކުށް މަދު މުޖުމަޢުއަކަށް ހެދުމަށްޓަކައި ދިވެހި ސަޤާފަތް ދިރުވާއާލާކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ވަނީ ފާހަގަކޮށްފައެވެ.
މި އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި އެ ވުޒާރާގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުންކުރާ މަސައްކަތްތަކުގައި ވެސް އެ ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.