މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަންގެ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކަމާއި މިނިވަންކޮށް ގެންވާނެ ކަމުގެ ޔަޤީންކަން ޑރ. މުހައްމަދު މުނައްވަރު ދެއްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވަނީ ކޮމިޝަނުގެ މަސައްކަތް މީގެ ކުރީގެ ކޮމިޝަންތަކާއި ޚިލާފަށް މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ނުފޫޒެއް ނެތި ކޮމިޝަނުގެ މަސައްކަތް ކުރާނެކަމަށެވެ.
"މިއީ ވަރަށް ޚައްސާސް މައްސަލައެއް. އެހެންކަމުން ކޮމިޝަންގެ އަމާޒަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމައި، ކަނޑައަޅަންޖެހޭ ކަންކަން ކަނޑައަޅައި، ލަފާއަރުވަންޖެހޭ ފަރާތްތަކަށް ލަފާއެރުވުން،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ކޮމިޝަންގެ މަސައްކަތްތަކަށް އެހެން ފަރާތެއްގެ ނުފޫޒު ނުފޯރާނެކަމުގެ ކިހާ ޔަގީންކަމެއް އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޑރ. މުނައްވަރު ވިދާޅުވީ، އޭނާއަކީ ނުފޫޒު ހިންގަން ފަސޭހަ މީހަކަށް ނުވާނެކަން އޭނާ ދަންނަ ގިނަ މީހުންނަށް އެނގޭނެކަމަށެވެ.
"އެހެންވީމާ މިނިވަންކޮށް ކަންކަން ބެލުމަށް ހަމަ ގައިމުވެސް އަޅުގަނޑުގެ މައްޗަށް ނުފޫޒު ހިންގުން ފަސޭހަ ކަމަކަށް ނުވާނެ. އެކަމުގެ ޔަގީންކަން އެބައޮތް. ދެން ތިބި ބޭފުޅުންގެ އިންޓެގްރިޓީއާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ސުވާލެއް ނާދޭ. އަޅުގަނޑުގެ ބެލުމުގެ ދަށުން މި މަސައްކަތް ގެންދިޔުމުގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބޮތް މި ފުރިހަމައަށް މިނިވަންކޮށް ގެންދެވޭނެކަން،" ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މުނައްވަރު ވިދާޅުވީ، ކޮމިޝަންގެ މަސައްކަތް މިނިވަންކޮށް ނުގެންދެވި، އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވޭނަމަ، އިސްތިއުފާ ދެއްވާނެކަމަށެވެ.