ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން މުޒާހަރާގެ ތެރެއިން ބާރުގެ ބޭނުންކޮށް، ހައްޔަރުކޮށްފައިވަނީ ޢާއިޝަތު ޝިމަން އަޙްމަދާއި ޢަބްދުﷲ މަހްޒޫމް މާޖިދެވެ. ޝިމަން އަދި މަހްޒޫމް ހައްޔަރުކުރުމާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ އެމީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.
"ދުލެއް ނުކުރާނަން" ގެ ނަމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފައެވެ. މި ޑިމާންޑުތަކުގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވާލުން ހިމެނެއެވެ. މިހާތަނަށް މި ޑިމާންޑުތަކުގެ ތެރެއިން ފުއްދާފައިވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއުގެ އިސްތިއުފާ އާއި ޔުމްނުގެ މައްެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.
މުޒާހަރާކުރާ ފަރާތްތަކުން ވަނީ މި މައްސަލައިގައި ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި، ތުހުމަތުކުރެވޭ އެންމެން ހައްޔަރުކޮށް ދަޢުވާކުރުމަށް ގޮވާލާފައެވެ. އަދި ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ސާފުކޮށްދިނުމަށާއި، ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުމަށްވެސް ވަނީ އެދިފައެވެ. މީގެ އިތުރުން، ދޮގު މަޢުލޫމާތު ދިނުމާ ގުޅިގެން ފުލުހުން މަޢާފަށް އެދުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.