ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުންތަކެއް ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ދެ ޒުވާނުންގެ ބަންދަށް ތިން ދުވަސް ޖަހއިފި އެވެ.
ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ނ. ކުޑަފަރި، ބަގީޗާގެ، އަބްދުﷲ މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ، އާއިޝަތު ޝިމަން އަހްމަދު (19އ) އެވެ.
މި ދެ ޒުވާނުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް ކޯޓުން ވަނީ ތިން ދަސް ދީފަ އެވެ.
ފުލުހުން ރޭ ހައްޔަރުކުރި މަހްޒޫމަކީ މިސަރުކާރުގައި ކުރިން ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޒުވާނެކެވެ.
ފުލުހުން ބުނާ ގޮތުގައި މަހްޒޫމް ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. އަދި ޝަމަން ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތު ފުލުހުން ކުރެ އެވެ.
މުޒާހަރާ ރޫޅާލީ ޕެޕަ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްގެންނެވެ. މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް ފުލުހުންނާއި ބައެއް އާންމުންނަށްވެސް އަނިޔާވި އެވެ.
އިދިކޮޅު އެމްޑީޕީން ބުނި ގޮތުގައި ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްފަ އެވެ.