އެސްޓީއޯއިން ބައެއް ބޭސްތައް ގެންނަން ޖެހުނީ އަމިއްލަ ވިޔަފާރިތަކުން ބޭސް ގެނައުން ހުއްޓާލުމުން ކަމަށާއި އާންމުންނަށް ކޮންމެހެން ބޭނުންވާ ބޭސް ލިބުން ދަތިކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާންމުންނަށް ބޭސް ލިބުން ދަތިވީ ގެންނަންޖެހޭ ވަގުތު އެސްޓީއޯއަށް ބޭސް ނުގެނެވިގެން ކަމަށެވެ.
އަދި ރާއްޖޭގައި ބައެއް ބޭސް ލިބުން ދަތިވެފައިވަނީ އެ ބޭސްތަކުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ނިންމުމުން، ވިޔަފާރިވެރިން ސަރުކާރު ތާށިކުރުމަށް ގަސްދުގައި ބޭސް ގެނައުން ހުއްޓާލާފައިވާތީ ކަމަށް ވިދާޅުވި އެވެ.
"ކުޑަކޮށްލީމާ މީގެ ރިޕަކަޝަނެއްގެ ގޮތުގަ ބައެއް ބޭހުގެ ވިޔަފާރިވެރިން، އަޅުގަނޑު އެދެން އެބޭފުޅުން އަޅުގަނޑަށް މައާފުކުރާނެ ކަމަށް. ހަގީގަތް ދަންނަވާލަން ހަމަ ގަސްތުގަ ގެނައުން ހުއްޓަވާލީ ބައެއް ބޭސް. މި ހަމަ ޗޯކު ކޮށްލަންވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ އެސްޓީއޯއަށް އިން ޓައިމްއަށް ނުގެނެވުނީ ބޭސް އެހާވަރަށް. ދެން ހަމަ ވަރަށް ސާފުކޮށް މިކަން ވީގޮތް މި ދަންނަވާލީ،" ރައީސް ވިދާޅުވި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ނިޒާމު އިސްލާހުކުރުމަށް ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްދުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލާފައިވާ ކަމަށެވެ.
"އާސަންދައިގެ ތެރެއިން މި ލާރި ޕްރައިވެޓް ކުންފުނިތަކަށް މި ލިބެނީ. ކިހާ ބޮޑު އިސްރާފެއްތޯ. އެހާ ބޮޑު ޕަސެންޓޭޖެއް. ސެވަރަލް ހަންޑްރެޑުން ގޮސް، ވަން، ޓޫ ތައުޒަންޑް ޕަސެންޓް ޕްރޮފިޓް އާސަންދަ ތެރެއިން ނަގަން ފެށުނީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ބައެއް ކުންފުނިތަކުން އާސަންދަ ނިޒާމުގެ ތެރެއިން ހާހެއްހައި ޕަސަންޓުން ފައިދާ ނަގަމުން ގޮސްފައިވާ ކަމަށާއި، ބޭސް އެތެރެކުރާ ބައެއް ވިޔަފާރިވެރިން ގަސްދުގައި ބޭސް ގެނައުން ހުއްޓާލީ ސަރުކާރު ތާށިކޮށްލުމަށް ކަމަށެވެ.
ބޭސް ވިއްކުމުގެ ވިޔަފާރި ކުރި ބައެއް ވިޔަފާރިވެރިން ވަނީ މުއްސަނދިވެފައި ކަމަށް ވިދާޅުވެ އެކަމަށް ވެސް ރައީސް ފާޑުވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިގޮތަށް ފައިސާ ނަގައިގެން ބޭހުގެ ވިޔަފާރިކުރަން ފެށި ބަޔަކު ތިބި ކަމަށާއި އެބޭފުޅުން އުޅުއްވީ ހަމައެކަނި ބޭހުގެ ވިޔަފާރި ކޮށްގެން ކަމަށެވެ. އެހެންކަމުން އަގުތަށް ކެޕްކޮށް ކުޑަކޮށްލެއްވީ ކަމަށް ވިދާޅުވި އެވެ.