ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މިގޮތުން ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އޮސްޓްރޭލިއާގެ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާއި، މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދުގައެވެ.
ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމްއާއި، ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާ ދެމެދު ވެވުނު ފަހުމުނާމާގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމެވެ. މި ފަހުމުނާމާގެ ދަށުން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުސަތުތައް މުވައްޒަފުންނަށާއި ދައި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފަހުމުނާމާގެ ސަބަބުން ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާ ޔުނިވަރސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑް ވިދާޅުވީ މި ފަހުމުނާމާއާއެކު ދެ ޔުނިވަރސިޓީއަށްވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ޤައުމީ ޔުނިވަރސިޓީއާއި މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދުވެސް ފަހުމުނާމާއެއް އެކުލަވާލާފައިވެއެވެ. މި ފަހުމުނާމާގެ ދަށުން ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ގުޅޭގޮތުން ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ދެ ޤައުމުގެ ދީނީ އަދި ޘަޤާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ބުނެފައިވެއެވެ.