ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފިއެވެ.
ޝަމްއާންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކުރުމާ ގުޅިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިނުގަތުމުގެ ސަބަބެއް އަދި ސާފުކޮށްފައެއް ނުވެއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު 22 ވަނަ ދުވަހުގެ ރޭގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަހަށް ބަންދުކޮށް، އޭގެފަހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ޝަމްއާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި، އޭނާގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި، ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާއާތާ ހިލާފު ކަމެއް ކަމަށް ބުނެ، ބަންދުގެ މުއްދަތު މުރާޖައާކުރުމަށް އެދުނެވެ. ނަމަވެސް ހައިކޯޓުން ނިންމީ އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރީ މާރިޗު 22 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ޝަމްއާން ދިރިއުޅުނު އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ. އެގޮތުން އޭނާ ދިރިއުޅުނު ތަނުން 257,475 ރުފިޔާ އާއި 10,000 ޑޮލަރު ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.