މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އެ އޮތޯރިޓީގެ ފިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް (އެފްއެސްޑީ)ގެ ވެރިޔާ އާއިޝަތު އަސްނާ ހަމްދީ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި އަސްނާ އެ މަޤާމަށް އައްޔަން ކުރުމާމެދު ވޯޓަށް ވަނީ އަހާފައެވެ. ވޯޓްގައި ބައިވެރިވެވަޑައިގަތް 73 މެމްބަރުން ވަނީ އަސްނާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަން ކުރައްވަން ނިންމަވައި، އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ މަހުގެ 30ގައެވެ. އެ ދުވަހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މާލިއްޔަތު ކޮމިޓީން ވަނީ އަސްނާއާ އިންޓަވިއުކޮށް އޭނާއަކީ ގާބިލް ބޭފުޅެއް ކަމަށް ކަނޑައަޅައި، އެ މަގާމަށް އޭނާ އައްޔަން ކުރަން ފާސްކޮށްފައެވެ.
ކޮމިޓީން އެގޮތަށް ކަނޑައެޅީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އަސްނާ އަކީ ސެންޓްރަލް ބޭންކިން އަދި ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ ދާއިރާއިން 17 އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް، ލައިސެންސިން ފްރޭމްވޯކް ރިފޯމް، ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމާއި ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަން ކަންކަމުގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ.
އަސްނާގެ މަސައްކަތުގެ ތެރޭގައި ބައިނަލްއަގްވާމީ ޕްރޮގްރާމްތައް ބެލެހެއްޓުމާއި ޕޮލިސީ ރިސާޗްތަކަށް އެހީތެރިވުމާއި ރެގިއުލޭޓަރީ އަދި ސުޕަވައިޒަރީ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ހިމެނެއެވެ.
އޭނާ ވަނީ ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން ފައިނޭންސްގެ ދާއިރާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. އޭނާގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ޖެންޑާ އިންކްލޫސިވް ފައިނޭންސިން، ކުދި ޖަޒީރާ އިގްތިސާދުތަކަށް ދެމެހެއްޓެނިވި ފައިނޭންސް ޑިވެލޮޕްމަންޓް، ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ފައިނޭންސް ހޯދުމާއި، ފައިނޭންޝަލް އެޑިޔުކޭޝަނާއި ލިޓްރަސީ ހަރުދަނާކުރުން ހިމެނެއެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.