ވަރުބަލިވުމެއް، ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރިން އެއްވެސް ދުވަސްވަރެއްގައި ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަންކުރާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލް އަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތޯބުގައި ވިދާޅުވީ ނަރުހުންގެ އަޑުއަހައި އިޖާބަދޭނަ ކަމަށާއި އިރާދަކުރެއްވިއްޔާ، ނަރުހުންނަށް ފައިދާހުރި އެތައްކަމެއް، އިސްކަންދީގެން ސަރުކާރުން ފަހިކޮށްދޭނެކަމަށެވެ.
"ނަރުސް" މިނަމަކީ، އޯގާތެރިކަން، އަޅައިލުން، ހިތްވަރު، މުރާލިކަން، ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ޤަދަރުވެރި ނަމެއްކަމަށާއި، ނަރުހުންނަކީ، ޞިއްޙީ ޚިދުމަތުގެ ހިތް ކަމުގައިވެސް، ވިންދު ކަމުގައިވެސް، މައިބަދަ ކަމުގައިވެސް ސިފަކުރެވޭ ކަމަށް ވިދާޅުވިއެވެ.
'' ޙަޤީޤީތުގައި، ނަރުހުންނަކީ، ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރެވެ. މުޅި ޞިއްޙީ ނިޒާމުގެ އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ބާރެވެ. ކާމިޔާބުކަމާއެކު ބޭސްފަރުވާދޭ ތަނެއްގެ ލޮލަކީވެސް، ކަންފަތަކީވެސް، ދަރުމަވެރި އަތަކީވެސް ނަރުހުންނެވެ. ބުއްދިވެރި ބަހެއްގައި "އެކެއްގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ބަޠަލެއް ކަމުގައި، އަދި ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްކޮށްފިނަމަ ތިޔައީ ނަރުހެއް ކަމުގައި" ބުނަނީ ނަރުހުންދޭ ވަފާތެރި އަގުހުރި ޚިދުމަތުގެ މަތިވެރިކަމަށްޓަކައެވެ'' ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ޚިދުމަތްކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންނެވެ. މިކަމުން ދޭހަވަނީ، މިފަދަ ބުރަ، ޤައުމީ އަދި އިންސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި އަންހެންދަރީން އަދާކުރާ އަގުހުރި ދައުރެވެ. ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ޞިއްޙީ ނިޒާމު ފުޅާކޮށް ޒަމާނީ ކުރުމަށް އިތުރު ނަރުހުން ބޭނުންވެއެވެ. ޤައުމަށް ބޭނުންތެރި މި ޚިދުމަތުގައި ދިވެހީންގެ ނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެކެވެ. ބަލިމީހާއާއި، ޢާއިލާއާއި، ޑޮކްޓަރާ މުޢާމަލާތު ކުރަމުން، ހާލުބަލަމުން، ބޭސްފަރުވާ ދެމުން، ބައެއް ޙާލަތްތަކުގައި ބަލިމީހުންނަށް ކާންދީ، ތާހިރުކުރަންވެސް ޖެހެއެވެ. ދުނިޔެއަށް އަލަށް ލޯހުޅުވައިލާ ތުއްތު ކުއްޖާއާއި، ދުނިޔެ ދޫކޮށް ލޯމަރައިލާ މީހާގެ ގާތުގައިވެސް ޚިދުމަތުގައި ހުންނަން ޖެހެއެވެ. ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކު ނަރުހަކު ޚިދުމަތް ކުރަނީ، އަމިއްލަ ޢާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެންނެވެ.