މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިލުވާން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރިލްވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.
ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާނުކުރިއިރު، އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވައިފައެވެ.
އިއްޔެ ރައީސް ފޮނުއްވި ނަން ތަކަކީ ދެވަނަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދޭ ތަރުތީބުން ފޮނުއްވި ހަ ބޭފުޅުންގެ ލިސްޓެވެ. އެއީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރަން ރައީސް، މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ ފަސް ނަމެވެ. ރިލްވާންއަކީ ކޮމިޓީން އެންމެ މަތިން ޕޮއިންޓު ދިން ތަރުތީބަށް ބަލާއިރު، އެ ލިސްޓުގެ ހަތަރުވަނައިގައި އޮތް ނަމެވެ.
ކޮމިޓީން މާކްސް ލިބުނު ގޮތް:
- ޒީނާ ޒާހިރު - 85 އިންސައްތަ
- އާއިޝަތު ޝިޔާނާ - 83 އިންސައްތަ
- ޝިމްލާ އަހުމަދު - 82 އިންސައްތަ
- މޫސާ ރިލްވާން - 81 އިންސައްތަ
- ޒަމްއަތު އަހުމަދު ވަހީދު - 77 އިންސައްތަ
ކޮމިޓީން ތަޅުމަށް ފޮނުވި ނަންތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުުނު ޒީނާ ޒާހިރުއަށް ލިބުނީ 12 ވޯޓެވެ. 85.13 ޕަސެންޓު މާކްސް ލިބުނު ޒީނާ ބްރޯޑްކޮމްއަށް އައްޔަނުކުރަން ނުފެންނަ ކަމަށް 52 މެންބަރުން ވޯޓު ދެއްވި އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރަން ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގައި އެންމެ އިސްކަން ދީފައިވާ އައިމިނަތު ޝިޔާނާއަށް ލިބުނީ 11 ވޯޓެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް އޭނާ އައްޔަނުކުރަން ނުފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވި އެވެ.
ޝިމްލާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 14 މެންބަރުންނެވެ. ބާކީ 54 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ.
ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއިން ޑިގްރީ ހާސިލުކުރައްވައިވާ ރިލްވާނުވަނީ 16 އަހަރަށްވުރެ ގިނަ ދުވަހު ބްރޮޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރައްވާފަ އެވެ. އޭނާއަކީ ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެސެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސްމެއެވެ.