ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރުގައި, ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފީހެއް ހުޅުވައިފިއެވެ.
އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން ދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' ޓަވަރު ހައެއްގައި އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީހެއް ހުޅުވައިފައި ވާކަމަށެވެ.
އެޗްޑީސީއިން ބުނީ އެ އޮފީހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއް ކަމަށެވެ.
އެ އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސް ފްލެޓުގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.
އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް އެ އޮފީހުން ލިބޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް އެ އޮފީސް ހުޅުވާފައި ހުންނާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.
'ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން 'ވިނަރެސް' އެޗްޑީސީ އޮފީހުން ލިބޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އެ ކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށެވެ.