ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް ރިޕޯޓު މާދަމާ ތަޅުމަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.
އަޒްމިރަލްދާއާއި މަހާޒް ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި އެ މައްސަލަ ޖޭއެސްސީ އިން މަޖިލީހަށް ފޮނުވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް ހަމަ އެ ދުވަހު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.
އެ ދެ ފަނޑިޔާރުން ފަނޑިޔާރުކަމުން ވަކިކުރަން ޖޭއޭސްސީ އިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް މަގާމުން ވަކިކުރުމަށް ކޮމިޓީން ނިންމީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދިޔަ އެ ކޮމިޓީގައި ވަކިކުރަން ފެންނަކަމަށް ވޯޓުދެއްވީ ހަމަ އެކަނި ޕީއެންސީ މެމްބަރުން އެކަންޏެވެ.
މި މައްސަލައިގައި ރާއްޖެއާއި ބޭރުގެ އިދާރާތަކާއި ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
ގާނޫނު ބުނާގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ އިން ނިންމުމަށްފަހު މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ތަޅުމުން އެގޮތަށް ފާސްކޮށްގެންނެވެ.