ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.
ފިލްޒާ އެފަދައިން ވިދާޅުވީ މި މައްސަލަ ބެލި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިން ލަފައިގައެވެ.
ފިލްޒާ ވިދާޅުވެފައިވަނީ ޖޭއެސްސީން މި ސުލޫކީ މައްސަލަ ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށެވެ. ފިލްޒާގެ ބަހުން ދޭހަވަނީ މި މައްސަލަ ބަލާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ނަންބަރު 10/2008 ގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"ގެ ދައުރެއް ނެތި ކަމަށެވެ.
މައްސަލަ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި ސިޓީއެއް ނަމަވެސް، މައްސަލަ ބަލަން ފަށާފައިވަނީ ޖޭއެސްސީން އަމިއްލައަށް އިސްނަގައިގެންނެވެ. މިކަން ފާހަގަކުރައްވަމުން ފިލްޒާ ވިދާޅުވީ ގާނޫނުގައި ބަޔާންކުރާ ގޮތުން މިފަދަ މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމަންޖެހޭނީ 3 މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަކުން ކަމަށެވެ. ނަމަވެސް މިފަދައިން އަމަލުކޮށްފައިނުވާތީ، ޖޭއެސްސީން އަމަލުކޮށްފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ނޫންކަމަށް ފިލްޒާ ވިދާޅުވެފައިވެއެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް ރިޕޯޓު މާދަމާ ތަޅުމަށް ހުށަހަޅަން ވަނީ އެޖެންޑާކޮށްފަ އެވެ.