ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒުމިރަލްދާ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ވަކިވަކިން ނެގި ވޯޓުގައި ވަކިކުރަން ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
ދެކޮޅަށް ވޯޓުދެއްވި މެންބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ހިމެނިވަޑައިގަންނަވައެވެ.
މި މައްސަލައިގައި ރާއްޖެއާއި ބޭރުގެ އިދާރާތަކާއި ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
މި މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލައެއް ބެލީ އަޒްމިރަލްދާގެ ފިރިކަލުން ޑޮކްޓަރު އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އެކަމަކު، އެ މައްސަލައިގައި މަހާޒް ދަށު ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލި ފަހުންކަން ޖޭއެސްސީގެ ރިޕޯޓުން ވެސް އެނގެއެވެ.