ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހަމަޖައްސައިފިއެވެ.
ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް ރޭ ވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި ކުރިއަށް ގެންގޮސްފައެވެ.
ރޭގެ ސެނެޓު ބައްދަލުވުމުގައި ޕާޓީގެ އެކި ކަންކަމާ މަޝްވަރާކުރެވުނުއިރު، ވަނީ ޣައްސާނާއި، ޝިޔާމް އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް ހަމަޖައްސައިފައެވެ.
ޣައްސާނާއި، ޝިޔާމަކީ އުވާލެވިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި، އެ ޕާޓީ އުވައިލުމާ ހަމައަށް ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ.
މި ދެ ބޭފުޅުންނާއެކު މިހާރު ޖުމްލަ އަށް ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބަވާނެއެވެ. މީގެ ކުރިން ތިއްބެވި ހަ ބޭފުޅުންނަކީ، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، މިނިސްޓަރު އާދަމް ޝަރީފް އުމަރު، މިނިސްޓަރު މުޙައްމަދު ސައީދު، އެލްޖީއޭގެ ސީއީއޯ ނިމާލް، ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މީގެ އިުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.