މުލަކަތޮޅު މުލީ އެއަރޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފަށައިފިއެވެ.
މުލީ އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކާ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ދަޢުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ މުއްޔަށް ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މުލީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަަސްމިއްޔާތުގައި މުލީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.
އެންމެފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.