އާންމު ސިއްހަތުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ޚަދީޖާ އަބްދުއްސަމަދު އަބްދުالله އެވެ. ތައިލެންޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ޕަބްލިކް ހެލްތު މިސްޓަރ ޑެޖް-އިސް ޚާއޮތޮންގް އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ކުރިއެރުވުން، ހެލްތު ރެގިއުލޭޓަރީ ފްރޭމްވޯކްސް ހަރުދަނާކުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ރެގިއުލޭޓަރީ ޚިދުމަތް ހަރުދަނާ ކުރުމަށާއި، ޞިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ހަރުދަނާކުރުމަށާއި ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސަރޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާ ކުރިއެރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންގއަށް އެހީތެރިކަން ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް ބައިވެރިވެ ވަޑައިގަންނަވާ ވާހަކަފުޅު ދެއްކެވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ދިވެހިރާއްޖެއާ ތައިލޭންޑުގެ ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ، އެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނަރޝިޕްގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖޭގެ ޞިއްހީ ދާއިރާގެ ކުރިއެރުމަށް ތައިލޭންޑުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ.
''މި އެމްއޯޔޫ ވެގެންދާނީ އަޅުގަނޑުމެންގެ ރާއްޔިތުންގެ ސިއްހީ ނިޒާމަށް ފައިދާކުރާނެ މަސައްކަތްތަކެއް ކުރުމަށް އެއެބާރުލުންދެނެ ވަރުގަދަ ބިންގަލަކަށް'' މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ގެ ވާހަކަފުޅުގައި މި ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން، ޚާއްސަކޮށް ރީޖަނަލް އޮފީސް ފޯ ސައުތު އީސްޓް އޭޝިޔާއިން ދެއްބާ އިރުޝާދާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ.
މި އެމްއޯޔޫގައި ވަނީ ޖޮއިންޓް ވޯކިންގ ގްރޫޕެއް އުފެއްދުމާއި، އެކަން ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި ތަފްސީލީ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފަންނީ ކުރިއެރުންތަކެއް ލިބިގެން ދިއުމާއި އެކު ދެގައުމުގެ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެންދާނެއެވެ.