ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ސެންޓަރަށް 45 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ޖުމްލަ 481,520.67 ރުފިޔާ ގެއްލިފަވާއިރު 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
ގެއްލުނު ފައިސާގެ ތެރެއިން 80 އިންސައްތަ ހޯދާފަވާއިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ.
އެގޮތުން އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.
ސްކޭމްގެ ބާވަތްތައް:
- ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް - 10 މައްސަލަ
- ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް - 5 މައްސަލަ
- އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް
- ފައިސާ ޖަމާކުރުމުގެ މައްސަލަ - ކޮންމެ ބާވަތަކުން 1 މައްސަލަ
ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތައް:
- ވައިބަރ (9 މައްސަލަ)
- ފޯނު ކޯލް (6 މައްސަލަ)
- އައިބޭ، މެސެންޖަރ، ޓެލެގްރާމް، އިންސްޓަގްރާމް
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ ޝައްކު ހިތުގައި އުފެދޭނަމަ، ޔަޤީންކުރުމަށްވެސް އެދިވަޑައިގެންފައެވެ.
ސްކޭމްއިން ރައްކާތެރިވުމަށް ހުރިހާ ފަަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެއްވެސް ލިންކަކަށް ނުފިއްތެވުމާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ.އަދި މި މެސެޖް އެހެން ފަރާތްތަކަށް ވެސް ހިއްސާ ކޮށްދެއްވުމަކީ އެންޓި ސްކޭމް ސެންޓަރުގެ ވަރަށް ބޮޑު އެދުމެކެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
- ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
- އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
- ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
- އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.
އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ.