ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، އެ ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
"ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތް ﷲ މިމަތިވެރި އިސްލާމްދީން ފުރިހަމަ ކޮށްދެއްވުން ހިމެނޭކަމަށެވެ.
ޚުތުބާގައި ބުނީ މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަސް ކަމަށާއި، ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
އެކަލާނގެ އަޅަމެންނަށް ގޮވައިލައްވަނީ، އެކަލާނގެ ހަޟުރަތަށް އަލުން އައުމަށްކަމަށް ޚުތުބާގައި ބުންޏެވެ.
އިލްމުވެރީން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ރެއެވެ. މި ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތައް ކަމަށް ޚުތުބާގައި ބުންޏެވެ.
މި ދީން ފުރިހަމަ ވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބެއެވެ. އެމީހުން ކުރާ ޢަމަލުތަކަށް ފުރިހަމަ ސަވާބު ލިބެއެވެ. އެމީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަކަށް ވެއެވެ. އެމީހުންގެ ސުލޫކާއި އަޚްލާގު ރިވެތި ސުލޫކު ކަމުގައި ވެއެވެ. އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބެއެވެ.
މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައި ކަމަށް ޚުތުބާގައި ބުންޏެވެ.
މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތްﷲ ގެ ނިއުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުން ވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނާން ފެށި ކަމަށާއި، މާތްﷲ ގެ ނިއުމަތްތައް ފުރިހަމަކޮށްދެއްވުމުގައި އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުންވާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އެ ދުވަސްވަރު އަރަބިކަރައިގައި ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، މަޖޫސީ ދީނާއި، ބުދު ދީން ވަނީ ފެތުރިފައި ކަމަށާއި، އިސްލާމް ދީން އަރަބިކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށެވެ. މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއް ކަމުގައިވުމަށާއި، އެފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިހު އަމަލުތައް ގިނަކޮށް މާތްﷲ ގެ ހަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.