މަކަރާއި ހީލަތުގެ މައްސަލަތަކުގައި ކުރިންވެސް ހައްޔަރުކޮށްފައިވާ ޒައިދާން މުޙައްމަދު ހާޝިމް، ގ. ސިނަމާލެ 1، 05-13 / މާލެ (28އ) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ މި ފަހަރު ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޒައިދާން ހައްޔަރުކޮށްފައިވާއިރު، އޮޅުވާލައިގެން މުދަލާއި ފައިސާ އިތުރު ބައެއްގެ އަތުން އޭނާ ނަގާފައިވޭތޯ ފުލުހުން ވަނީ 2023 ވަނަ އަހަރުވެސް ބަލާފައެވެ.
ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މުދަލާއި ފައިސާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭތީ ޒައިދާން 2022 ވަނަ އަހަރުވެސް ބަންދުކުރިއެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާގެ އެފަދަ އެހެން މައްސަލަތައް ވެސް ތަހުގީގު ކުރާ ކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައިވެއެވެ.