އ.ދ. އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ، ހައޯ ޖަންގް އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
މިއަދު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ހައޯ ޖަންގް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
އ.ދ. އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ، އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސް ވަނީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ އަދި އިންސާނީ ވަސީލަތް ޤާއިމުކުރުންފަދަ ކަންކަމުގައި އ.ދ. އިން އަދާކުރަައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމުގައި އ.ދ.ގެ ބައިވެރިވުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަންފީޒުކޮށް، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އ.ދ.ގެ ފުރިހަމަ އެއްބާރުން ދެއްވާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
މިއަހަރަކީ ދިވެހިރާއްޖެ އ.ދ. ގެ މެންބަރަކަށް ވިތާ 60 އަހަރު ފުރޭ އަހަރެވެ.