ސައޫދީ ޢަރަބިއްޔާގެ ފަރާތުން ދިވެހި ޙައްޖުވެރިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް ފެށުމަށް ބޭއްވޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސައޫދީ ދާޚިލީ ވަޒީރުގެ ޚާއްސަ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިސްނެންގެވުމާއެކު ސައޫދީ އިސްވެރިންގެ ވަފުދެއް ރާއްޖެ އައިސްފިއެވެ. މި ވަފުދުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން އަލްޔަޙްޔާގެ އިތުރުން އެތައް އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސައޫދީ ވަފުދަށް މަރުޙަބާ ކިޔުއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މާލޭގައި ހުންނަވާ ސައޫދީ ސަފީރުކަމުގެ އިސްވެރިންނެވެ. ޚާއްސަ މެހުމާނުންގެ ގޮތުގައި އައިސްފައިވާ ވަފުދުގައި ސައޫދީ ޚާރިޖީ ވުޒާރާގެ ހައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް މޭޖާ ޖެނެރަލް އަބްދުލްމޮނެމް ބިން އަބްދުލް ރަހުމާން އަލް މަހުމޫދާއި މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިންގ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭކާ މުހައްމަދު ބިން ނަސީރް އަލް ހައްލާފް ވެސް ހިމެނިވަޑައިގަންނަވައެވެ.
ދިވެހިރާއްޖެއަކީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވާ ޤައުމުތަކުގެ ތެރެއިން ފަހަރަށް ބަލައިލާ އިރު ތަފާތު ޤައުމެކެވެ. ސައުދީ ޢަރަބިއްޔާގެ ބާދިޝާހު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ސީދާ އިރުޝާދުފުޅުގެ ދަށުން މި ޕްރޮގްރާމުގައި ޤައުމުތައް ހިމެނުމަށް ކަނޑައަޅުއްވާފައިވާ އެންމެހައި ޝަރުޠުތަކުން ދިވެހިރާއްޖެ އިސްތިސްނާކުރައްވައި، ޚާއްސަ މަޤާމެއް ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.
މި މުހިންމު ޕްރޮގްރާމު ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެފައިވެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމާއެކު މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކުރެއްވުމަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.