ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނު ކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއްވެސް ފުރުއްވައިފައެވެ. އެމަނިކުފާނަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު ރައީސް ޑރ. ވަޙީދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ޑރ. ވަޙީދަކީ ވަރަށް ޤާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވިއެވެ. ހަމައެއާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަޙީދު ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. ވަޙީދު މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށް ކަމަށެވެ.