ދިވެހިރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހި ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދެ ޤައުމު ދެމެދު އެކުލަވާލެވުނު "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގެ ތަޞައްވުރުގެ ދަށުން ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ދެވަނަ ބައްދަލުވުމެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބޭއްވުނީ މިއަހަރުގެ ޖަނަވަރީ 29 ވަނަ ދުވަހުއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ކުރީގެ ބައްދަލުވުމުގައި ކަނޑައެޅުނު ލަނޑުދަނޑިތައް ވަޒަންކޮށް، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ޞިއްޙީ، ދިފާޢީ އަދި މެރިޓައިމް ދާއިރާތައް ހިމެނޭ ގޮތަށް އިތުރު މުހިންމު ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ބައްދަލުވުމުގައި ދިވެހި ސެހި ސަރުކާރުގެ އެކި ވުޒާރާތަކުން އެކުލެވޭ އިސް ވަފުދެއް ބައިވެރިވިއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ހިމެނެއެވެ.