ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅޭގޮތުން އުއްތަމަފަނޑިޔާރު މުޢުތަސިމް ޢަދުނާނު, މުއާމަލާތް ކުރެއްވި ކަމަށް ބުނެ ރާއްޖެއެމްވީ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ވަކިކުރި މައްސަލައިގައި މުއުތަސިމް ހަނުހުންނެވުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެހެން އޮއްވައި، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅޭ ގޮތުން އުއްތަމަފަނޑިޔާރު، ނަޝީދަށް ގުޅުއްވައި ވާހަކަދެއްކެވި ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އެކަން ދޮގު ކުރައްވާ ނަޝީދު ވިދާޅުވީ އޭގައި ހުރި ވާހަކަ ތަކަކީ ދޮގު ވާހަކައެއް ކަމަށެވެ.
"އަލިފުން ޔާޔަށް އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު" ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާމެދު ވެސް ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫންކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަނު ކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ދަންނަވަން،"ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އެފަދަ ފިތުނަވެރި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލަން ގޮވާލައްވާފަ އެވެ.
މުއުތަސިމާއި ނަޝީދަކީ ގާތް ދެ ބޭފުޅުންނެވެ. މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ހުންނެވިއިރު ވެސް ބައެއް ދަތުރުފުޅުތަކުގައި މުއުތަސިމް ބައިވެރިކުރެއްވިއެވެ.