އީފާސް މެދުވެރިކޮށް ރެކޯޑް ކްލިއަރެންސް ޕޯޓަލަށް ވަދެވޭ ގޮތް ހަދައިފިއެވެ.
މިކަން ހާމަކޮށް އީފާސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީފާސް މެދުވެރިކޮށް ރެކޯޑް ކްލިއަރެންސް ޕޯޓަލަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މިހާރު ވަދެވޭނެ ކަމަށެވެ.
އީފާސް މެދުވެރިކޮށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތްދޭ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޑީޖޭއޭ އިން ބުނީ މި ބަދަލު ގެންނަނީ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތް ފަސޭހަ ކުރުމަށްޓަކައި ކަމަށެވެ.
ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާރު ބޭނުން ކުރަމުންދާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން އެ ޚިދުމަތް ހޯދަން އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށްވެސް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
ނަމަވެސް، ދައުލަތުގެ އޮފީސްތަކުން ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ކުރިއެކޭ ވެސް އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އެއީ، އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާ އެކު ރިކޯޑް ސާފުކުރުމަށް އެދި ހުށަހެޅުމުންނެވެ.