ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އިސްތިރާޖީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ސޫ ކޮކް ލެންގ މަޝްވަރާކުރައްވައިފިއެވެ.
މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ދެ ޤައުމުގެ ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކުރައްވައި، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މަތީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި، އިޤްތިޞާދާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރުދެއްވައި އެކަމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
އަދި ބޯހިޔާވަހިކަމުގެ ސިނާއަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ.