މިފަހަރު ޙާޖީންގެ %50 އުފުލާނީ ޤައުމީ އެއާލައިނުން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ފާހަގަކުރެއްވީ، ގިނަ ދުވަސްތަކަކަށްފަހު ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވުމަކީ ތާރީޚީ ކަމެއް ކަމަށެވެ. މިއަދު މޯލްޑިވިއަންގެ ފްލައިޓަކުން 255 ޙައްޖުވެރިން ވަނީ މައްކާއަށް ފުރައިގެން ގޮސްފައެވެ.
ފާއިތުވި އަހަރުތަކުގައި ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ ސަޢުދީ އެއަރލައިންތަކާއި ބޭރުގެ އެހެނިހެން އެއަރލައިންތަކުގެ ފްލައިޓުތަކުގައެވެ. ނަމަވެސް މިއަހަރު ޤައުމީ އެއަރލައިނުގައި ޙައްޖުވެރިން ފޮނުވުމުގެ ފުރުޞަތު ލިބުނީ ފުރަތަމަ ފަހަރަށެވެ.
ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް މިއަހަރު ސަރުކާރުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވެއެވެ. މާލެއާއި ހުޅުމާލެއިން ބަސްތަކުގައި އެއަރޕޯޓަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ފަހިކޮށްދީފައިވެއެވެ. ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުޓުން ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ އިއްޔެ އެވެ. ދެވަނަ ގުރޫޕު މިއަދު ފުރާފައިވާއިރު އެންމެ ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މިފަހަރު ދިވެހި ޙައްޖުވެރިން މައްކާއަށް ފުރަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުންނެވެ. މިއީ ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން މަރުޙަލާތައް ވައިގެން ފުރިހަމަކުރެވޭނެ ޚާއްސަ އިންތިޒާމެކެވެ.