ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ފަނޑީޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
އެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއިރު އެ ބޭފުޅުންގެ ތެރެއިން، ޖޭއެސްސީން އެންމެ މަތިން މާކްސް ދެއްވާފައިވަނީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.
ފަނޑިޔާރު މުހައްމަދު ސަލީމް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ އޯގަސްޓު 9، 2022 ގަ އެވެ. އޭގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި 12 އަހަރު އޭނާ ހޭދަކުރެއްވި އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ. ފަނޑިޔާރު ހަމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.