ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުޅެނީ ޑްރާމާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ފާހަގަކުރެއްވީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ފެށުނު ޢައިރު ދުސްތޫރީ މަރުޙަލާއެއްގައި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ދުރުކުރުމަށްފަހު، އެ ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީ އަށް ނުލިބޭ ބާރެއް ބޭނުންކޮށްގެން ކުރިއަށްގެންދާ އިޖްރާއާތަކީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި 159 ވަނަ މާއްދާގެ (ހ) އާ ޚިލާފު ބާޠިލް އިޖްރާއާތެއް ކަމަށެވެ.
މިގޮތުން ޢައިރު ދުސްތޫރީ ބާޠިލް އިޖްރާއާތަކުން ފަނޑިޔާރުން ވަކިކުރުމަށްފަހު ޢައްޔަންކުރާ ފަނޑިޔާރުންނަކީ ވެސް ބާޠިލް އިޖްރާއާތަކުން ޢައްޔަންކުރެވޭ ފަނޑިޔާރުން ކަމަށް ދީދީ ވިދާޅުވެފައިވެއެވެ.
ދީދީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވުނީ ޞައްޙަ އިޖްރާއާތަކުން ކަމުގައި ބަލައިފި ނަމަވެސް، ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ޖޭއެސްސީން މިހާރު ކުޅޭ ޑްރާމާއަކީ ޤާނޫނުއަސާސީގެ މަފްހޫމެއް ނުވަތަ ތަޞައްވުރެއް ނޫން ކަމަށެވެ.
ޤާނޫނުއަސާސީގެ ތަޞައްވުރަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރަން ޖެހުނުއިރު، ބާ އާއި ބެންޗުގައި ހިމެނޭ ގާބިލު ވަކީލުންނާއި ފަނޑިޔާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ފަރާތެއް، ޖޭއެސްސީގެ މަޝްވަރާއާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށްފަހު ޢައްޔަންކުރުން ކަމަށް ދީދީ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމުގެ ނަމުގައި، ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ފަނޑިޔާރުން ޢައްޔަންކުރާ ގޮތަށް އިޢުލާންކޮށްގެން ކުރިއަށްގެންދާ އިޖްރާއާތަކީ އަޞްލެއް ނެތް ބާޠިލް އިޖްރާއާތެއް ކަމަށް ވެސް ދީދީ ފާހަގަކުރެއްވިއެވެ.