ހިޔާ ޓަވަރު ދޭއްގައި ހަރުކުރި އައު ލިފްޓުތައް ޓެސްޓުކޮށް، މިދިޔަ ހޯމަ ދުވަހު ބޭނުންކުރަން ފަށައިފިއެވެ.
ހިޔާ ޓަވަރު އެކަކާއި ދޭއްގެ އިތުރުން ތިނެއްގައި އައު ލިފްޓުތައް ހަރުކޮށް، ޓެސްޓުކުރަން ފެށީ މިދިޔަ އޭޕްރިލް ހަތެއްގައެވެ.
ހިޔާ ފްލެޓުތަކުގައި ހަރުކުރާ ލިފްޓުތަކުގެ ތެރޭގައި ސްޓެރަޗަރު އުފުލޭ ފަދަ ބޮޑު ލިފްޓަކާއި އާންމު މީހުން އުފުލާ ލިފްޓެއް ހިމެނެއެވެ.
އެޗްޑީސީން ބުނީ، 15 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. އެ ގޮތުން، މި ލިފްޓުތަކުގައި ބަލި މީހުންގެ ސްޓްރެޗާ އެރުވޭނެ ޖާގަ ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ، އަލަށް ބަހައްޓާ ލިފްޓުތަކުގެ ފްލޯ ނަންބަރުތައް ބްރެއިލްއިން އެންގްރޭވް ކޮށްފައި ހުންނާނެ ކަމަށެވެ. އެއީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވެސް އިތުރު ފަރާތެއްގެ އެހީތެރިކަމާ ނުލައި، ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ލިފްޓުތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން ފެބްރުއަރީ 2024ގައި ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.