ސޯޝަލް އެންޑް ފެެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އިސްރަށްވެހީންގެ ނާދީގައި އާޓް ކްލާސްތަކެއް ފަށައިފިއެވެ.
ސޯޝަލް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އާޓް ކްލާސްތައް ބާއްވަނީ, އާޓް ކްލާސްތަކާއި ވޯކްޝޮޕްތައް ހިންގާ 'އާޓީ ފިންގާސް'އާ ގުޅިގެން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ކްލާސްތަކުގެ މަގުސަދަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަން އިތުރުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކުލަޖެއްސުން ކަމަށެވެ.
މިނިސްޓްރީން ބުނީ އިސް ރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޚާއްސަކޮށް ބާއްވާ އެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއް ދުވަހު ކަމަށެވެ.
ސޯޝަލް މިނިސްޓްރީން އެ ނާދީތައް ހިންގަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކާއި އަމިއްލަ ޖަމުއިއްޔާތަކާ ގުޅިގެންނެވެ. އެ ނާދީތަކުގައި އިސް ރަށްވެހިންނަށް ތަފާތު ކުޅިވަރު ކުޅުމުގެ ފުރުސަތުތަކާއި ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ.