ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިތިއޯޕިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޓާއިޔޭ އަޓްސްކޭ ސެލާސީއާއި، ބޮޑުވަޒީރު އަބީ އަހްމަދު އަލީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އިތިއޯޕިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް، ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި، އިތިއޯޕިއާގެ ގައުމީ ދުވަހަކީ އެ ގައުމުގެ އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި، ކުރިއެރުން ރަމްޒްކޮށްދޭ ދުވަހެއްކަމުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ކުރިމަގުގައިވެސް އިތިއޯޕިއާއަށް އަމާންކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އިތިއޯޕިއާގެ ރައީސްއާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ގައުމަށާއި ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.