ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އިންތިހާ ގާތް ގުޅުމެއް ބާއްވާ އިންޑިއާ އާއި ދެކޮޅަށް ދައްކާ ވާހަކަތައް ހުއްޓައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އިންޑިއާގެ ނުފޫޒުން ރާއްޖޭގެ ދާހިލީ މައްސަލަތަކާއި ބެހި ރައީސް ސޯލިހުގެ ސަރުކާރާއި ގާތް ގުޅުމެއް ބާއްވާތީ އެގައުމަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ހާއްސަކޮށް ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބުމާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ބިންތައް އިންޑިއާއަށް ދޭތީ ސިޔާސީ ބައެއް ފަރާތްތަކުގެ އިތުރުން މީޑިއާތަކުންވެސް އެވާހަކަތައް ދަނީ ގެނަސްދެމުންނެވެ.
މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީއަށް ޝަކުވާގެ ސިޓީއެއް ފޮނުވައި އިންޑިއާ އާއި ދެކޮޅަށް ވާހަކަދައްކާ މީޑިއާތަކާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ. މިހާރު ފުލުހުންވެސް ވަނީ އެމައްސަަލަތައް ބަލަން ފަށައިފަ އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށެވެ. އެގޮތުން ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައި ނަޝީދު ވަނީ އެކަން ކުރުން ހުއްޓައިލަން ގޮވާލައްވައިފަ އެވެ.
އިންޑިއާގައި މިހާރު އޮތް ސަރުކާރު ނިސްބަތްވާ ބީޖޭޕީ ޕާޓީން ރައީސް ސޯލިހު ވެރިކަމަށް ގެންނަން 2018 ވަަނަ އަހަރު ފައިސާ ހަރަދު ކުރިކަމުގެ ތުހުމަތުތަކެއްވެސް ކުރެވެ އެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ބިޔަ ތަރައްގީގެ ޕްރޮޖެކްޓުތަކެއް އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅުންތަކަކަށް ދޭކަމަށާއި އިންޑިއާ ސަރުކާރުން މިނެއް ނެތް މިންވަރަށް ލޯނު ނަގަމުން ދާތީ ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އައްޑޫ ސިޓީގައި އިންޑިއާއިން ކޮންސިއުލޭޓެއް އެޅުމާއި ގުޅޭ ވާހަކަތަކެއް މިފަހުން ފެންމަތިވިއިރު އެކަމުގެ މަގްސަދާއިމެދުވެސް ދަނީ ސުވާލު އުފައްދަމުންނެވެ. އިދިކޮޅުން ދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއްވެސް ފަށައިފަ އެވެ. ގިނަ ބައެއްގެ ތާއީދު އޮތް މި ކެމްޕެއިންގެ ސަބަބުން އިންޑިއާ ހައިކޮމިޝަނުން ވަނީ ޝަކުވާ އުފުލައިފަ އެވެ.
މީގެ އިތުރުން އެކި ނަންނަމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ދިގު މުއްދަތަކަށް ތިބޭ މައްސަލަވެސް ވަނީ ހޫނުވެފަ އެވެ. އިންޑިއާ އާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ދިވެހި ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.