މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންގެ ތެރޭގައި މިފަހަކަށް އައިސް ހަރުކަށި ފިކުރަށް ތާއީދުކުރާ ދަރިވަރުންތަކެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޑީޕީން އުފެއްދި "މެއި ހައެއް ކޮމިޓީ" ގެ ޗެއާޕާސަން އަދި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.
"މެއި ހައެއް ކޮމިޓީ" ގެ ފަރާތުން އެމްޑީޕީގެ ގައުމީ މަޖިލީހަށް މައުލޫމާތު ދެއްވަމުން އަފީފު ރޭ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކުރަމުންދާ މަަސައްކަތްތަކުގެ ތަފްސީލު ހޯދަން މިދިޔަ ހަފުތާގައި އެ ކޮމިޝަނާއި ބައްދަލުކުރެއްވި ކަމަށެވެ. އެ ކޮމިޝަނުގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި އެމްއެންޔޫގެ ދަރިވަރުން ފަހަކަށް އައިސް ހަރުކަށި ފިކުރަށް ތާއީދުކުރާކަން ހިމެނޭކަމަށް އަފީފު ވިދާޅުވި އެވެ. އަދި އެފަދަކަންކަމާއި ގުޅިގެން އެޗްއާރުސީއެމްއަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވިކަމަށް އަފީފު ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުން މިހާރަކަށް އައިސް ވަރަށް ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ފާހަގަ ކުރެވޭ ކަމަށް އަޅުގަނޑުމެން އެ ބޭފުޅުންނަށް ދެންނެވިން. އަދި މިކަމާމެދު އެޗްއާރުސީއެމް އިން އެއްވެސް ކަމެއް ކުރެވިދާނެތޯ އަޅުގަނޑުމެން ސުވާލު ކުރިން. ޖަވާބުގައި ވިދާޅުވީ އެ މަސައްކަތަކީ އެހެންވެސް މުއައްސަސާތަކާއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށް.
- މެމްބަރު ހަސަން އަފީފު
އެޗްއާރުސީއެމްއިން ވަނީ އެމްއެންޔޫގައި ކިޔަވައިދޭ ޓޮޕިކް ތަކާއި އެކަމާއި ގުޅިގެން ކުރެވޭ މަޝްވަރާތައް ބަލަން ޖެހޭކަން ފާހަގަކޮށްފަ އެވެ. ޔުނިވަސިޓީތަކުގެ އިތުރުން ސްކޫލު މަދަރުސާތަކުގައިވެސް ހަރުކަށި ފިކުރު ހުއްޓުވުމާއި ދެކޮޅަށް މަސައްކަތްތަކެއް ކުރަން ޖެހޭކަން "މެއި ހައެއް ކޮމިޓީ" އިން ފާހަގަކުރި އެވެ.
އެމްއެންޔޫގައި ހަރުކަށި ފިކުރު ފެތުރިފައިވާކަމުގެ ތުހުމަތުތަކެއް އަފީފު ކުރެއްވިއިރު އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒު އަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއްކަމަށް ބުނެ ވާހަކަ ދެއްކެވުމާއި ގުޅިގެން އެއީ ހަރުކަށި ފިކުރުގެ މީހުން ދައްކާ ޒާތުގެ ވާހަކައެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި މީގެ ކުރިން ފާޑުކިޔުން އަމާޒުވި އެވެ. އިޔާޒު މީގެ ކުރިންވެސް އެކި ކަންކަމާއި ގުޅިގެން ދީނީ އަދި ސިޔާސީ މަސްލަހަތު ގެއްލިގެންދާ ފަދަ ވާހަކަ ދެއްކެވި އެވެ. އިއްޔެ އިޔާޒު ވަނީ އެމްއެންޔޫއިން ވަކިވެސް ކޮށްފަ އެވެ.
ހަރުކަށި ފިކުރު މުޅި ރާއްޖެއަށް މޫލާފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު ބައެއް މިސްކިތްތަކުގައިވެސް އެފިކުރުގެ މީހުން މަސައްކަތް ކުރާކަމަށް ދަނީ ބުނަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހު ދިން ހަމަލާވެސް ހަރުކަށި ފިކުރުގެ މީހުންނާއި ގުޅޭއިރު ރާއްޖޭގައި މީގެ ކުރިން ހިނގި ބައެއް މަރުތައްވެސް ހަރުކަށި މީހުންނަށް ތުހުމަތު ކުރެވެ އެވެ.