ޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ބިންވެރިޔާ ސްކީމްގެ ދަށުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ނިންމައިފި އެވެ.
އެ މިނިސްޓްރީން ރޭ، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާގޮތުން ގުރުނެރުން މިއަދު މެންދުރު ފަހު ކުރިއަށްދާނެ އެވެ.
ލޭންޑްޔޫސް ޕްލޭން އަލުން އެކުލަަވާލެވުމާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށް ގުރުއަތު ނެގުން ތާވަލުކޮށްފައިވަނީ، އިއުލާނުގައިވާ ގޮތުން މިއަދު 14:30 ގައި އުސްފަސްގަނޑުގަ އެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 684 ގޯތި
- 1650 އަކަފޫޓުގެ 1242 ގޯތި
- 2050 އަކަފޫޓުގެ 923 ގޯތި
- 2450 އަކަފޫޓުގެ 479 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650އަކަފޫޓުގެ 22 ގޯތި
ގުރުނެގުން ކުރިއަށްދާ ގޮތް:
ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 1 ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެ އިންތިޒާމުވާނީ ހަމަޖެހިފައެވެ. ބިން ލިބޭ ފަރާތެއް/ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމާއި އެކު ބަދަލުގައި ހާޒިރުވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު ދެވޭނެއެވެ. ގުރުނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެނި އެފަރާތްތަކަށް ވަގުތުން އެސް.އެމް.އެސްގެ ޒަރިއްޔާއިން މެސެޖް ލިބޭނެއެވެ.
ގުޅީފަޅުން ބިން ހިއްކުމަށް މިހާތަނަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އެ ރަށުގައި ފެނާއި ނަރުދަމާގެ އިތުރުން އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް 400 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރު ވަަނީ މީގެކުރިން ވިދާޅުވެފަ އެވެ. އަދި މީހުން އާބަދުކުރުމަށް ކުރަންޖެހޭ މަސައްކަތަށް އެންމެ މަދުވެގެން 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް މިނިސްޓަރު އަންދާޒާ ކުރައްވަ އެވެ.