"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ގަރާރަކުންނެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދުމުގެ މަގުސަދަކީ ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ އުމްރާނީ ތަރައްގީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.
އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، ދިހަ ރުފިޔާގެ ދިހަ މިލިއަން ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ ސަތޭކަ މިލިއަން ރުފިޔާ އެވެ. މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީގޮތުން އަމިއްލަ ޝަޚްސެކެވެ.