"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ގެ ނަމުގައި ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުފައްދަވައިފިއެވެ.
އެމަނިކުފާނު މި ކުންފުނި އުފައްދަވާފައި ވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި ނަންބަރު 15/2025، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.
"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10/- (ދިހައެއް) ރުފިޔާގެ 100،000،000 (ސަތޭކަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 1،000،000،000/- (އެއް ބިލިޔަން) ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެކެވެ.