ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފައިވާ ކަމަށް ރައީސް މުއިއްު ވިދާޅުވެއްޖެ އެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނު މައްސަލައާއި ގުޅިގެން މިވަގުތު ހައްޖުގެ އަޅުކަމުގައި މައްކާގައި ހުންނަވައިގެން ރައީސް މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފައިވާ ކަމަށާއި އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވާ ކަމަށެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައާއި ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި ދިމާވާނެ ދަތިތަކަށް މަޢާފަށްއެދޭ ކަމަށެވެ.
މުޅި މާލެ އާއި ހުޅުމާލެ އަދި ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑުނު ސަބަބެއް އަދި ސްޓެލްކޯއަކުން ނުބުނެ އެވެ.